Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ގައުމަށްޓަކައި ސިިކުނޑި ބޭނުން ކުރައްވާ: ރައީސް

ގައުމެއްގެ މިނިވަންކަން އަތުލައިގަތުމަށްޓަކައި މިޒަމާނުގައި އަންނާނީ ކުރީ ޒަމާނެކޭ އެއްގޮތަށް ހަތިޔާރު ހިފައިގެން ނޫން ކަމަށާއި ސިކުނޑިން ގައުމާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމުގައި ތިބެގެން ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ މިހާރުގެ ބަވަނަވެފައިވާ ދުނިޔޭގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން، ނޭނގި ތިއްބައި ގައުމެއްގެ މިނިވަންކަން ގެއްލުވާލެވިދާނެކަމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިވަންތަކަމާއި، އިސްލާމް ދީނަށް ތަބާވެ ތިބޭ ބަޔަކުކަން، އެއްބަހަކުން ވާހަކަދައްކައި އެއް ނަސްލަކަށް ނިސްބަތްވާ ބަޔަކުކަން ގެއްލުވާލުމަކީ ހަތިޔާރު ބޭނުންކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ މިހާރު ގައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގައި އިޤްތިޞާދީ ގޮތުންނާއި، މީސް މީޑިއާ ބޭނުންކޮށްގެން ދެވޭ ހަމަލާތައް ފަދަ ކަންކަން ގިނަ ކަމަަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެއް އެބައޮތް ކަމަށެވެ. އަދި ކޮންމެ މީހެއްގެ އަތުގައި ވެސް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ "ސިކުނޑި" ނުވަތަ "ވިސްނުން" ކަމަށް ވިދާޅުވި އެވެ.

"އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުން ކުރަން އަޒުމް ކަނޑައަޅައި އެ ގޮތުގައި ރެ އާއި ދުވާލު އެ މީހާގެ ވިސްނުމާއި އެ މީހާގެ ހިތުގެ އަޑިން ގައުމު ދެކެ ލޯބިވެ ގައުމާ އެއްކޮޅަށް ކަންކަން ކުރަން އަޒުމް ކަނޑައަޅައި މަސައްކަތްކުރާހާ ހިނދަކު މި ގައުމާ މެދުގައި ކަންބޮޑުވާކަށް ނުޖެހޭނެ." ރައީސް ވިދާޅުވިއެވެ.

އެހެންވެ އެ ބޭނުންކޮށްގެން ގައުމަށްޓަކައި މަސައްކަތް ކުރުމަށް ގޮވާލައްވައި ރައީސް ވިދާޅުވީ އަމިއްލަ މަޞްލަޙަތަށް ވުރެ ގައުމުގެ މަޞްލަޙަތު އިސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ދުނިޔޭގެ ކަންކޮޅުތަކުގައި އެ ޤައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުމުގައި ހަރަކާތްތެރިވަނީ މިއަދުގެ މި ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަ ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ޣާފިލުވެ ތިއްބާ ނޭނގި ތިއްބާ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ޒުވާނުން ގައުމީ ޚިދުމަތަށް ނެރުމުގެ މަސައްކަތްތަކީ ވެސް ކާމިޔާބު ކަމަކަށް ވާނެ ކަމަށެވެ.