Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖެހި ހާދިސާ ތަހުގީގު ކުރަނީ

އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު މަރުވި ހާދިސާގެ ގެ ތަހުގީގެއް އެ ކުންފުނިން ފަށައިފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން އިއްޔެ ހަވީރު ހިނގި ހާދިސާގައި، އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވެފައިވެ އެވެ. އެއީ ލޭބަރާއިންގެ މަޤާމުގައި ތިބި އަލީ އަފްލާހް އަބްދުﷲ އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިނެވެ.

އެމްޕީއެލުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅޭ އެތެރޭ ތަހުޤީގެއް ފަށާފައިވާކަމަށާއި ތަޙުޤީގުން އެނގޭ މަޢުލޫމާތަށް ރިއާޔަތްކޮށް، އިތުރު މަޢުލޫމާތު އާންމު ކުރާނެ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު، ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. އޭގެ ތެރެއިން މަރުވި ދެ މީހުންނަކީ ހާލު ދަރެވެގެން ހޮސްޕިޓަލަށް ގެންދިޔަ ހަ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ހޮސްޕިޓަލްގަ އެވެ.