ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިފައިންގެ ގުރުބާނީގެ އަގުވަޒަން ކުރައްވާ ލީޑަރެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށަހެޅުން ފެށުމުގެ ގޮތުން ވާހަކަދައްކަމުން ހިލްމީ ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ދިވެހި ސިފައިން ކޮށްފައިވަނީ މަތިވެރި ޖިހާދެއް ކަމަށާއި އެ ޖިހާދަކީ ދުވަހަކުވެސް ފަނޑުވެގެން ނުދާނެ ދީނީ އަދި ގައުމީ އަގުބޮޑު ހިދުމަތެއް ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ނަސްރުގެ ދުވަސް އާދައިގެ ގޮތެއްގައި ފާހަގަކުރަމުން އައި އައުން ރައީސް މުއިއްޒު ބަދަލުކޮށްލާފައިވާ ކަމަށާއި އެގޮތުން މި ދުވަހަކީ ރާއްޖޭގައި އެންމެ ފާހަގަކުރެވޭ އެއް ދުވަހަށް ހައްދަވާފައިވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
"އެމަނިކުފާނަކީ ސިފައިންވި މަތިވެރި ގުރުބާނީގެ އަގުވަޒަންކުރައްވާ ލީޑަރެއް. އެދުވަހު މި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ޝަހީދުވި ފަރާތްތަކުގެ އަގުވަޒަންކުރައްވާ ލީޑަރެއް،" ހިލްމީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވަމުން ކަމަށާއި ނޮވެމްބަރު 3 ގެ ހާދިސާއިން ލިބޭ އެއް ފިލާވަޅަކީ މިނިވަންކަން ދިފާއުކުރުމަށް އަބަދުވެސް ތައްޔާރަށް އޮންނަ އަސްކަރީގޮތުން ޤާބިލު ފައުޖެއް އޮތުމުގެ މުހިއްމުކަން ކަމަށް ހިލްމީ ވިދާޅުވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަސްކަރިއްޔާއަށް މީގެކުރިން ގެނެސްފައިނުވާ ފަދަ ތަރައްޤީ އާއި ކުރިއެރުން ގެނެސްދެއްވަމުން ކަމަށްވެސް ހިލްމީ ވިދާޅުވި އެވެ.