Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މިއަދަކީ އިންޑިއާގެ މަދަދު ހަނދާންކޮށްދޭ ދުވަސް

ރާއްޖޭގެ ނަސްރުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ އިރު، މިއަދަކީ އަވައްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ‏މިއަދަކީ ދިވެހި ޤައުމަށް
‏ނަސްރު ދެއްވި ދުވަސް ކަމަށާއި ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް ކަމަށެވެ.

‏"މިއީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް. ‏ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަސް،" ޔާމީން ވިދާޅުވި އެވެ. "މިއީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް. ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް."

‏ހަމައެއާ އެކި މިއީ ނޮވެމްބަރު 3، 1988 ގައި ކުރިމަތިލާން ޖެހުނު އުދުވާނީ ހަމަލާގައި ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދުދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ދިން ދުވަސް ކަމަށް ޔާމީން ވިދާޅުވި އެވެ.

"[އަދި މިއީ] އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް." އެ މަނިކުފާނު ވިދާޅުވި އެވެ.

ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަ ކުރަނީ މީގެ 37 އަހަރު ކުރިން ދިވެހިންގެ ޚާއިނުންތަކެއް، އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި، މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެ ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެ ދަނޑިވަޅުގައި ބޭނުންވި އެހީތެރިކަން އިންޑިއާ ވަރަށް ބޮޑަށް ފޯރުކޮށްދީ 'އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ.

އެ އުދުވާންގައި 19 ދިވެއްސަަކު ޝަހީދުވި އެވެ. އެއީ ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހެކެވެ.

މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ހަނދާންކޮށްދޭ ދުވަސް ކަމަށް ޔާމީން ވިދާޅުވި އިރު، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ދުވަސްވަރު "އިންޑިއާ އައުޓް" ގެ ނަމުގައި އެ ގައުމާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގެވި އެވެ. އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލަން އެވެ.

އެ ކެމްޕޭންގައި އިސްކޮށް އުޅުނު ވަރަށް ގިނަ ބަޔަކު މިހާރު ތިއްބެވީ މިހާރުގެ ސަރުކާރު ހިންގުމުގަ އެވެ. އޭގެ ތެރެއިން އެކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.