ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ރިލީޒް ކުރުން އަވަސްކޮށް، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިއަދު ދައްކާލައިފި އެވެ.
ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭ ލީޑް ރޯލު ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނަން ކުރިން ނިންމީ އަންނަ މަހުގެ 31 ގަ އެވެ. ނަމަވެސް "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ބެލުންތެރިންނަށް ދޫކޮށްލަން މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ 25 ގަ އެވެ.
އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ، ޕަތުނީ އޯރް ވޯ" އެވެ. އަދި "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ދަރުމާގެ ފިލްމަކުން ކާތިކް ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އޭނަ އާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ގެނެސްދިން ސަމީރު ވިދްވަންސް އެވެ.