ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މައުމޫނަށް ވަނީ ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާފަ އެވެ.
"އަޅުގަނޑުގެ ނަޒަރުގައި މިފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން," މައުމޫން ވިދާޅުވި އެވެ.
ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ ނޮވެންބަރު 3، 1988 ގައި މައުމޫންގެ ވެރިކަމުގައި ކުރިމަތިވި އުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތިން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށް ދެއްވި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދިން އައްޑަނައެކެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރަނީ އެ ބިރުވެރި އަދި ނުރައްކާތެރި ދުވަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.
ނޮވެންބަރު 3 އަކީ ދިވެހިންގެ ޚާއިނުންތަކެއް، އަވައްޓެރި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި، މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެވެ.
އެ އުދުވާންގައި 19 ދިވެއްސަަކު ޝަހީދުވި އެވެ. އެއީ ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހެކެވެ.