Last Updated: July 4, 20:07
Saturday, July 4, 2026
ޚަބަރު

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި

ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ހަނދާނުގައި ހުޅުވި ބިނާ - ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހެދި ބިނާ މިއަދު ހުޅުވައިފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

މި ބިނާ ތަރައްގީކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަމައިދާނުގަ އެވެ.

މި ބިނާގައި ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދު ދިނުމަށް ގެންގުޅުން އޭކޭ 47 ގެ ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފައިވެ އެވެ. އަދި ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ފެނެ އެވެ.

މި ބިނާ ފަރުމާކޮށް ހެެދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.