Last Updated: July 4, 20:07
Saturday, July 4, 2026
ޚަބަރު

ނައިބު ރައީސް ގަތަރަށް ފުރާވަޑައިގެންފި

ޤަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، މިރޭ ފުރާވަޑައިގެންފި އެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމަޢެއް ބިނާކުރުމާ ބެހޭގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.

އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4 ން 6 އަށް ޤަތަރުގެ ދޯހާގަ އެވެ. އެންމެފަހުން ބޭއްވި ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގަ އެވެ.

މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.