Last Updated: July 4, 20:07
Saturday, July 4, 2026
ޚަބަރު

ލަންޑަންގެ ޓެކްސީތަކުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން، ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) އާއި ދިމާކޮށެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ދެ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެން ދާނެ ކަމަށާއި މި ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެ ކަމަށެވެ.

މި ކެމްޕޭނުގެ ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްގެ އެއްބާރުލުމާ އެކު އެވެ. އޭގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް ހިމެނެ އެވެ.

މި ކެމްޕޭން ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާއި ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ފުރުސތުތަކެއް ހުރިކަން އަންގައިދިނުމަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.