Last Updated: June 8, 07:06
Monday, June 8, 2026
ދުނިޔެ

336 ކިލޯގެ ޑްރަގާ އެކު "ސްރީދޭވީ" އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން އެކު ސްރީ ލަންކާ އަށް ދަތުރުކުރި އެ ގައުމުގެ މަސްބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިިގެންފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަންގައި މިދިޔަ އާދީއްތަ ދުވަހު ހަ ފަޅުވެރިންނާ އެކު އަތުލައިގަތީ "ސްރީދޭވީ" ކިޔާ ބޯޓެކެވެ. އެއިން 336.18 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އޭގެ ތެރަެގައި ހިމެނެނީ 251.18 ކިލޯގެ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން އެވެ.

އެ ތަކެތީގެ މަގުމަތީ އަގު 5 ބިލިއަން ރުޕީސް އަށް އަރަ އެވެ.

މި މައްސަލަ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ބޯޓުގައި ތިބި މީހުން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މިހާރު ވަނީ މުއްދަތު ވެސް ޖަހައިފަ އެވެ. ކޮލޮމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދަށް މުއްދަތު ޖެހީ މި މަހުގެ 8 އާ ހަމައަށެވެ.

ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް "ސްރީދޭވީ" ބޯޓަކީ މަސްވެރި ކަމަށް ބޭނުން ކުރަމުން އައި އުޅަނދަކަށް ވިޔަސް، އޮޕަރޭޝަންގައި އެ އުޅަނދު އަތުލައިގަތް އިރު މަސްވެރިކަންކޮށްފައެެއް ނުވެ އެވެ. އެހެންވެ އުޅަނދު ހަރަކާތްތެރިވަމުން އައީ މަސްތުވާތަކެތީގެ މުއާމަލާތްތަކުގައިކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ބެލިބެލުމުން މަސްތުވާތަކެތީގެ މުއާމަލާތުގައި އިސްކޮށް ހުރީ ދުބާއީގައި ދިރިއުޅެމުން އަންނަ "ޑިނޫކާ" ކިޔާ މީހެއް ކަމަށެވެ.