Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކަށިމިޔަރު މަސްވެރިކަމާ ދެކޮޅަށް ގަރާރެއް ހުށަހަޅައިފި

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ. އެ ގަރާރުގައި ބުނީ، މިޔަރުގެ އާއިލާގެ ބާވަތްތަކަކީ ލަހުން ބޮޑުވާ، ދަރިމައިވާ، އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ކަމަށެވެ. އަދި ކަނޑުގެ ނިޒާމުގައި މިޔަރުގެ ބާވަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމާއި، އެގޮތުން ކަނޑުގެ އެހެނިހެން ދިރުންތައް ކޮންޓްރޯލްކޮށް ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އެހެންވެ ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ދަށްވާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި މަސްވެރިކަމަށް އަސަރުކުރާނެ ކަމަށް ގަރާރުގައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ މި މަހުގެ 1 ގަ އެވެ.

އައްބާސްގެ ގަރާރުގައި ބުނީ ކަށިމިޔަރުގެ މަސްވެރިކަން ކުރަން ފުރުސަތު ދިނުމުން ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވެގެން ދާނެ ކަމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު އާންމުކޮށް، އަމަލުކުރަން ފެށީ މިދިޔަ މަހުގެ 31 ގަ އެވެ.