އެވޯޑްތަކަކަށް އުންމީދު ނުކުރާ ކަމަށާއި ދުވަހަކު އެވޯޑެއް ނުލިބުނަސް ހެޔޮ ކަމަށް ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ބުނެފި އެވެ.
މި ފަހުން ވަރުގަދަ ކޮންޓެންޓްތަކަށް ހަދާ ފިލްމުތަކުގައި މޮޅެތި ރޯލުތަކެއް ކުޅުނު ނަމަވެސް ޔާމީ އަށް އެއްވެސް ފިލްމަކުން މޮޅު ބަތަލާގެ އެވޯޑް ލިބޭ ގޮތެއް ނުވެ އެވެ.
މިދިޔަ އަހަރުގެ "އާޓިކަލް 370" ގައި ދެއްކި މޮޅު އެކްޓިން އިން ޔާމީ އަށް މި އަހަރުގެ ފިލްމުފެއާ އެވޯޑްސްގައި މޮޅު ބަތަލާގެ އެވޯޑް ލިބޭނެ ކަމަށް އޭނަގެ ވަރަށް ގިނަ ފޭނުން އުންމީދު ވެސް ކުރި އެވެ. ނަމަވެސް އެ އެވޯޑް ގެންދިޔައީ "ޖިގްރާ" އިން އާލިއާ ބަޓެވެ. އެހެންވެ އެ ފްލޮޕް ފިލްމުން އާލިއާ އަށް ލިބުނު އެވޯޑް ހައްގު ނޫން ކަމަށް ބުނެ ބައެއް މީހުން ފާޑު ވެސް ކިޔާފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ޔާމީ ބުނީ ދުވަހަކު އެވޯޑެއް ނުލިބުނަސް ވަރިހަމަ ކަމަށެވެ.
"އަހަރެންގެ ފިލްމުތަކަށް ބެލުންތެރިން ދޭ ތަރުހީބާއި ލޯތްބާއި އަހަންނާ އެކު މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ހިތްހަމަޖެހޭ ފެންވަރުގެ މަސައްކަތްތަކެއް ކުރެވޭ ނަމަ އެ ވަރުން އަހަންނަށް ފުދޭނެ،" އުރީ އާއި ވިކީ ޑޯނާ އަދި ބާލާ ފަދަ ކާމިޔާބު ފިލްމުތަކުގެ ބަތަލާ ބުންޏެވެ. "އެ މީހުން އަހަރެންގެ މަސައްކަތް ބަލައިގަންނަ ނަމަ އެ ލިބޭ އުފާ މާ ބޮޑު."
ޔާމީ ބުނީ އެވޯޑްތަކަށް ކުރިން އުންމީދުތަކެއް ކުރި ކަމަށެވެ. ނަމަވެސް މިހާރު އެވޯޑަކަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށް ބުންޏެވެ.
"އުރީ" ގެ ޑައިރެކްޓަރު އަދިތިޔާ ދާރްއާ ކައިވެނިކޮށް މިހާރު ދޮޅު އަހަރުގެ ފިރިހެން ދަރިޔަކު ވެސް ހުރި 36 އަހަރުގެ ބަތަލާގެ ކުރިއަށް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ކޯޓްރޫމް ޑްރާމާ "ހަޤް" އެވެ. އިމްރާން ހާޝިމީ ބަތަލުގެ ރޯލު ކުޅެފައިވާ އެ ފިލްމަކީ ސުޕަން ވަރްމާގެ ޑައިރެކްޝަނެކެވެ.