Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ބްރިޖް ސާވޭ ކުންފުނި، އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

އައްޑޫ ހުޅުމީދު އާއި ހިތަދުއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ހަވާލުކުރި ޗައިނާގެ ކުންފުނި ޓީވައި ލިން އިން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

އެ ކުންފުނިން މި މަޝްރޫއަށް ހަދަން ޖެހޭ ސާވޭ އާއި ޑިޒައިނާ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.

ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތާއި ކައުންސިލްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ޓީވައި ލިންއާއ އެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކުރީ މިދިޔަ މަހުގެ 26 ގަ އެވެ.

އޭރު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ބްރިޖް މަޝްރޫއަށް ފުރިހަމަ ފީސިބިލިޓީ ސްޓަޑީއެއް ޓީވައި ލިން އިން ހަދާނެ ކަމަށެވެ. އަދި އައްޑޫގައި އަޅަން އެންމެ އެކަށީގެން ވަނީ ކޮން ކަހަލަ ބްރިޖެއްތޯ ބަލާނެ ކަމަށެވެ.

"ފްލޯޓިން ބްރިޖެއް އަޅާނީތޯ. އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ،" އޭނަ ވިދާޅުވި އެވެ. "އިޤްތިޞާދީ ގޮތުން އަދި ޓެކްނިކަލްގޮތުން އެންމެ ފައިދާ ހުރި ގޮތެއް ބަލާފައި ސަރުކާރުން ދެން ގޮތެއް ނިންނާމީ. އެހާ ހިސާބުން ޓެންޑަރިން އަށް ގެންދާނީ."

މިނިސްޓަރު ވިދާޅުވީ ބްރިޖް މަޝްރޫއު ކުރިއަށް ގެންދާނީ އައްޑު އަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

އެގޮތުން ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރައްޔިތުންނާ ވެސް ބައްދަލުކޮށް މަޝްވަރާ ހޯދާނެ އެވެ. ޓީވައިލިންއާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތްތައް ހަވާލުކުރީ ހަ މަހުން ނިންމާ ގޮތަށް 1.0 މިލިއަން ޑޮލަރަށެވެ.

އައްޑޫގައި އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދު އާއި ހިތަދޫއާ އަޅަން މި ސަރުކާރުން ވައުދުވެފައިވާ ބްރިޖްގެ ކޮންސަލްޓަންސީ ކުރިން ހަވާލުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަަ އެވެ.

ނަމަވެސް އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރަން ޖެހުނީ ސާވޭ ނިންމައި، ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް ގޮސް މަސައްކަތް ފެ ށޭވަރަށް މާލީ ކަންކަން ހަމަނުޖެއްސުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.