Last Updated: June 8, 07:06
Monday, June 8, 2026
ދުނިޔެ

ސްޓާބަކްސްގެ 60 ޕަސެންޓް ހިއްސާ ޗައިނާ އަށް!

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން، ސްޓާބަކްސްގެ ޗައިނާ ވިޔަފާރީގެ 60 ޕަސެންޓް ހިއްސާ އެ ގައުމަށް ވިއްކައިލަން ނިންމައިފި އެވެ.

ސްޓާބަކްސް އިން އިއްޔެ އެގޮތަށް ނިންމީ ޗައިނާގެ އިންވެސްޓްމަންޓް ކުންފުނި، ބޮޔޫ ކެޕިޓަލްއާ އެކު ހަދާފައިވާ 4 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން ސްޓާބަކްސްގެ ޗައިނާގެ ވިޔަފާރީގެ 60 ޕަސެންޓް ހިއްސާ އެ ކުންފުންޏަށް ވިއްކައިލުމުން ސްޓާބަކްސް އަށް އޮންނާނީ ވިޔަފާރީގެ 40 ޕަސެންޓް ހިއްސާ އެވެ.

ޗައިނާ މާކެޓަށް ސްޓާބަކްސް ވަނީ 1999 ގަ އެވެ. އަދި އެ ގައުމަކީ އެމެރިކާ ފިޔަވައި ދެވަނަ އަށް އެ ކުންފުނީގެ ވިޔަފާރީގެ އެންމެ ބޮޑު މާކެޓެވެ. ނަމަވެސް ޗައިނާގެ އަމިއްލަ ކޮފީ ބައެއް ބްރޭންޑްތަކާ ހެދި ސްޓާބަކްސް އަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހި، ވިޔަފާރި އަށް މި ފަހުން ލޮޅުން ވެސް އަރާފައިވެ އެވެ.

ޗައިނާގައި މިހާރު ސްޓާބަކްސްގެ އެންމެ ބޮޑު ވާދަވެރިޔަކީ ލަކިން ކޮފީ އެވެ. މިއީ 2017 ގައި ވުޖޫދަށް އައި އަދި މިހާރު ވަރަށް މަގުބޫލު ބްރޭންޑެކެވެ.

ސްޓާބަކްސް އިން ބުނީ ބޮޔޫއާ އެކު ހެދި އެއްބަސްވުމަކީ ދިގު މުއްދަތަކަށް ބަލާ އިރު ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި މިއީ ކުރިއެރުމެއް ކަމަށެވެ.

ޗައިނާގައި މިހާރު ހިންގަމުން އަންނަ ސްޓާބަކްސްގެ އައުޓްލެޓްތަކުގެ އަދަދު 8،000 އަރަ އެވެ. މިހާރު އެންމެ ބޮޑު އަމާޒަކީ އެ ގައުމުގެ އިތުރު 20،000 ލޮކޭޝަނަކަށް ވިޔަފާރި ފުޅާކުރުމެވެ.

ޗައިނާ މާކެޓް އިތުރަށް ވަރުގަދަ ކުރުމުގެ ޕްލޭނުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި އެ މާކެޓަށް ސްޓާބަކްސްގެ އާ ރަހަތަކާއި އިތުރު ޑިޖިޓަލް ޕްލެޓްފޯމްތަކެއް ގާއިމު ކުރަން ވެސް ނިންމާފައިވެ އެވެ.

ސްޓާބަކްސް އަކީ މީގެ 54 އަހަރު ކުރިން މާޗް 30، 1971 ގައި ވުޖޫދަށް އައި ވިޔަފާރިއެކެވެ. އޭގެ ހިދުމަތް 84 ގައުމެއްގައި ދެ އެވެ.