Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަންދޭން އިލްތިމާސްކޮށްފި

މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދެ މީހަކު ނިޔާވުމާ ގުޅިގެންނެވެ. ނިޔާވެފައިވަނީ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި، މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފަ އެވެ.

ރައީސް ވަނީ މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ.