އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ އަވަހާރަވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އުމުރުން 84 އަހަރުގައި އޭނަ މިއަދު އަވަހާރަވީ ނިއުމޯނިއާ އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޗޭނީ އަށް ހިތާއި ނާރުތަކުގެ ގިނަ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެފައިވެ އެވެ.
ޗޭނީ އެމެރިކާގެ ނައިބު ރައީސްކަން ކުރެއްވީ 2001-2009 އަށެވެ. އެއީ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދެ ދައުރުގަ އެވެ. އޭނަ އަކީ އޭގެ ކުރިން ވެސް އެ ގައުމުގެ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޗޭނީ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމާއި ޑިފެންސް ސެކްރެޓަރީގެ މަގާމާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އެތަނުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް ހިމެނެ އެވެ.
ޗޭނީ އަކީ މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެކްޓިކް ޕާޓީގެ ކެންޑިޑޭޓް ކަމާލާ ހެރިސް އަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.