އަޅުގަނޑުމެން އުޅެމުން މިދާ ދުނިޔެއަކީ އިމްތިޙާނުުގެ ގޯއްޗެކެވެ. މިއަދު ޢަމަލު ކުރިގޮތާމެދު މާދަމާ ސުވާލު ކުރެވޭނެ އެވެ. ވީއިރު އަޅުގަނޑުމެންނަށް ބުނެވޭ ބަސްތަކާއި ޢަމަލުތަކާ މެދު ރައްކާތެރިވެ ފަރުވާތެރިވާން ވާނެއެވެ. އެނގިގެން ވެސް ނުވަތަ ނޭނގި ވެސް ހެޔޮކަމެއް ނޫނީ ނުކުރުމަށް އަޒުމް ކަނޑައަޅަން ވާނެ އެވެ.
ކަން މިހެން ހުރުމާއެކު މީހެއް ގާތު އަބަދު ހެޔޮކަމުގެ މަތީގައި ހުންނާށޭ ބުނެއްޖެ ނަމަ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އެމީހަކު ދެކެފާނެ އެވެ. ނޫނީ އެއީ ކުރެވޭނެ ކަމެއް ކަމަށް އެމީހަކު ޤަބޫލު ނުކޮށްފާނެ އެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ ﷲ ގެ މަދަދާއި ރަޙްމަތާއެކު އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ހިތް ނިޔަތް އިޚްލާސްތެރިކަމާއެކު ވަރަގަދަ އަޒުމެއްގައި އެކަމާ ކުރިމަތި ލުމެވެ. އެގޮތަށް ގަދައަޅާ މަސައްކަތް ކުރެވޭ ނަމަ ﷲ ސުބުޙާނަހޫ ވަތައާލާ އެމީހަކަށް އެހީތެރިވެ ވޮޑިގަންނަވާނެތެވެ.
އަޅުގަނޑުމެންނަށް ކޮށްލެވޭނެ ދެތިން ކަމަކުން އަޅުގަނޑުމެންގެ ގިނަ ކަންތައްތައް އަދި ގިނަ ވަގުތުތައް ހެޔޮކަންކަމަށް، އަޅުކަންތައްތަކަށް ހަދާލެވިދާނެއެވެ.
އަޅުގަނޑުމެންގެ އާދަތައް އަޅުކަމަށް ބަދަލުކޮށްލުން:
ރަސޫލާ ގެ އިރުޝާދު ދެއްވާފައިވާ ފަދައިން ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށްށެވެެ. ނިޔަތް ރަނގަޅުވެއްޖެ ނަމަ ޢަމަލުތައް ރަނގަޅުވެދެ އެވެ. އަދި ނިޔަތް ގޯސްވެއްޖެ ނަމަ ޢަމަލުތައް ފަސާދު ވެދެ އެވެ. އަހަރެމެންގެ މައްޗަށް ވަނީ ނިޔަތް އިޞްލާޙް ކުރުމެވެ. އޭރުން އަހަރެމެން އާދަވެގެން ކުރާ ކަންތައްތައް ވެސް ޢަޅުކަމަކަށް ބަދަލުކޮށްލެވިދާނެ އެވެ. މިސާލަކަށް އަހަރެމެން ރޭގަނޑު ނިދަމެވެ.
އެހެން ނަމަވެސް އެނިދުމަކީ އަޅުކަން ކުރުމަށް ހޭލަން ނުވަތަ އަޅުކަމުގައި ހީވާގިވުމަށް ނިޔަތް ގަނެގެން ކުރާ ކަމެއް ނަމަ ނިދާފައި އޮންނަ ވަގުތު ޘަވާބު ލިބިގެން ދެއެވެ. މިފަދަ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެނަށްޘަވާބު ލިބޭ ޢަޅުކަމަށް ބަދަލުކޮށް ލެވިދާނެއެވެ.
ހެޔޮކަން ކުރުމަށް ނިޔަތް ގަނެގެންވުން:
ޢަބްދުﷲ ބުން އަޙުމަދު އެކަލޭގެފާނުގެ ބައްޕާފުޅު އިމާމު އަޙުމަދުގެ އަރިހުން ސުވާލު ދެންނެވިއެވެ.
އޭ ބައްޕާފުޅާއެވެ. އަހަރެންނަށް ވަޞިއްޔަތް ކޮށްދެއްވާށެވެ. އެ ހިނދު އިމާމު އަޙުމަދު ވިދާޅުވި އެވެ. އޭ ލޯބިވާ ދަރިފުޅާއެވެ. “(އަބަދުވެސް) ހެޔޮކަންކަން ކުރުމަށް ނިޔަތްގަނެގެންވާށެވެ. ފަހެ ހެޔޮކަންކަން ކުރުމަށް ނިޔަތްގަނެގެން ވާހާހިނދަކު ތިބާވަނީ ހެޔޮކަމުގެ ތެރޭގައެވެ”. (الآداب الشرعية لإبن المفلح ١٠٤) ބައެއް ފަހަރު ބަލީގެ ސަބަބުން ނުވަތަ އެ ނޫން ވެސް މަޤްބޫލު ޢުޒުރެއްގެ ސަބަބުން ހެޔޮކަން ނުކުރެވޭތަން އާދެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެކަން ކުރުމަށް ނިޔަތް ގަނެގެންވާނަމަ އެކަން ކުރި މީހަކަށް ލިބޭފަދަ އަޖުރު ލިބިގެންދެއެވެ.
ﷲ ގެ ޒިކުރުކުރުމަށް ދޫ ހޭނުން:
ހެޔޮކަން ކަމަކީ އެކަން ކުރުމަށް މަސައްކަތްކޮށް ހިތްވަރު ކުރާވަރަކަށް އެ ކަންތަައްތައް އެމީހަކަށް ފަސޭހަ ވެގެންދާ ކަންކަމެވެ. މިސާލަކަށް ނަމާދު ނުކުރާ މީހަކަށް ފަސް ވަގުތު ނަމާދު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ޤަވާއިދުން ފަސްވަގުުތު ނަމާދު ކުރާ މީހަކަށް އެކަމަކީ މާބޮޑު ތަކުލީފެއް ނޫނެވެ. ﷲ އަށް ޒިކުރު ކުރުމަށް ދޫ ހޭނުން ވަނީ ވެސް ހަމަ އެފަދައިންނެވެ.
ހުސް ވަގުތުތަކުގަޔާއި ދޫ ހިމޭނުން ހުންނަ ވަގުތު ތަކުގައި ﷲ ގެ ޒިކުރު ކުރުމަށް ނަފްސަށް ހަނދާންކޮށްދީ އަދަބުވެރި ކުރާށެވެ. އަދި ފޯނު ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ދޭތެރެ ދޭތެރޭން ފޯނަށް ޒިކުރު ކުރުމަށް ނޮޓިފިކޭޝަން އަންނަ ގޮތަށް ވެސް ހެދިދާނެ އެވެ.
މިފަދައިން ކަންތައްތައް ކުރެވެމުންދާނަމަ އަޅުގަނޑުމެންގެ އާންމު ޙަޔާތުގެ ގިނަވަގުތު ޢަޅުކަމަށް ބަދަލުކޮށްލެވި، ﷲ ގެ ޒިކުރު ކުރުމުގައި އަޅުގަނޑުމެންގެ ދޫތައް ހޭނޭނެ އެވެ. ﷲ އަޅަމެންނަށް އެކަލާނގެ ރުއްސަވާ މަގަށް ހެޔޮ ތަޢުފީޤު ދެއްވާށި!
ނޯޓް: މިއީ ޝައިޚް އަޙްމަދު ވަޙީދުގެ ލިޔުއްވުމެކެވެ.