Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

އާ ޓާމިނަލްގެ 22 ވަނަ އެއާލައިނަކަށް އެޑެލްވައިސް އެއާ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން އެޑެލްވައިސް އެއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެޑެލްވައިސް އެއާގެ ސްޓޭޝަން މެނޭޖަރު މަހްޖޫބް އަބްދުالله ގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑެލްވައިސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 205 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ސްވިސް ލެއިޝާ އަދި ޗާޓާ އެއާލައިން, އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގަ އެވެ. އެގޮތުން މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ދުވަހެވެ.

އެޑެލްވައިސް އެއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 22 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.