ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޙިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ފުވައްމުލަކު ހޮސްޕިޓަލްގައި މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ މި ސީޓީ ސްކޭންގެ ޚިދުމަތާއިއެކު އެ ހޮސްޕިޓަލުން ބައެއް ޙާލަތްތަކުގައި ރިފާކުރަންޖެހޭ ބަލިމީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ.
ސީޓީ ސްކޭނުގެ ޚިދުމަތަކީ ބައެއް ބަލިތައް ދެނެގަތުމަށާއި ބައެއް ޙާލަތްތައް މޮނިޓާ ކުރުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތެކެވެ. އެގޮތުން ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުން އަވަހަށް ދެނެގަނެވި، ބޭނުންވާ ފަރުވާ އަވަހަށް ފެށުމުގެ ފުރުސަތު ލިބިދެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭނުގެ ޚިދުމަތް ތަޢާރަފު ކުރުމާއިއެކު ސްޓްރޯކް ޕްރޮޓަކޯލް ވަނީ ޤާއިމު ކުރެވިފަ އެވެ. މިޕްރޮޓަކޯލުގެ ސަބަބުން، ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެނެވޭ މީހުންގެ ސީޓީ ސްކޭން 20 މިނެޓް ތެރޭގައި ހެދި، ސްޓްރޯކުގެ ބާވަތް ދެނެގަނެވި، އޭގެތެރެއިން ތުރޮމްބޮލައިސް ކުރަން ޖެހޭ ފަރާތްތަކަށް ވަގުތުން ދޭންޖެހޭ ފަރުވާ ފެށޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި ރިފަރ ކުރަންޖެހޭ ފަދަ ޙާލަތްތަކުގައި ރިފަރ ކުރެވުނު ކަމުގައި ވީނަމަވެސް އެފަދަ ބަލިމީހުން ރިފަރ ކުރެވޭނީ ސީޓީ ސްކޭން ހެދުމަށް ފަހު ބަލި ދެނެގަނެވި އަދި ތުރޮމްބޮލައިޒް ކުރެވިގެން ނުވަތަ ވަގުތުން ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު ކަމަށް ވާތީވެ، ބަލިމީހާގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކާ ކުޑަކުރެވި، ބަލީގެ ސަބަބުން ލިބިދާނެ ދާއިމީ ނުކުޅެދުންތެރިކަން ކުޑަކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހޮސްޕިޓަލްތައް ތަރައްގީކޮށް، ހޮސްޕިޓަލްތަކުން އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަށް އިތުރުކުރުމަކީ މެދުނުކެނޑި ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އެގޮތުން ފުވައްމުލަކު ހޮސްޕިޓަލްގައި މެމޯގުރަފީގެ ޙިދުމަށް ދާދި އަވަސް މުއްދަތެއްގައި ފެށިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.