ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ފަޖުވާގެ ލިންކެޑިން އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ޕެންޝަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު ހިންގަން ނިންމި ފައިސާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްއޭއާ އެކު އެ މުއާމަލާތް ހިންން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ސަރުވަޝް ވިދާޅުވީ އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.
މި މުއާމަލާތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ވެސް ބަޔާނެއް ނެރެ، މިއީ ފައިސާ ޗާޕްކޮށް، ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް ފަށަން އުޅޭ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން އެމްއެމްއޭ އިސްވެ އޮވެ، ކުރުވަމުންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.