Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކުގައި ދެމުން ގެންދާ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެރަށުގައި ޑޮލަރު އޭޓީއެމެއް މިއަދު ހުޅުވައިފި އެވެ.

ޑޮލަރު އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އެގޮތުން މި އޭޓީއެމްއާއެކު ފުވައްމުލަކު ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.