Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

ވަގު ސިނގިރޭޓް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން ފުލުހުން މިރޭ އެދިއްޖެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށެވެ.

މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 5 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ.

އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށްވެސް މައުލޫމާތުދެ އެވެ.

ފުލުހުން ވަނީ މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.