ފުވައްމުލަކު ސިޓީގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރުމާއި ސިޓީ ހޮޓެލެއް ގާއިމުކުރުމާއެކު، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ. މި އެއްބަސްވުންތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފެވެ.
ޓޫރިޒަމް މަޝްރޫއާ ގުޅޭގޮތުން މި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް އޭގެއިން ސީފާ ނަފާ ލިބޭނެ ގޮތަށް ކަމަށާއި ރަށްރަށުގެ ލޯކަލް ޓޫރިޒަމް މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް އޭގެއިން ފައިދާވާނެ ގޮތަށް ކަމަށެވެ.
އެގޮތުން މި މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އާމްދަނީ އަދި ވަޒީފާގެ ގޮތުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި މި މަޝްރޫއު ވެގެންދާނީ ކާމިޔާބު މަޝްރޫއަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ފުވައްމުލަކުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއާއެކު ވެސް އެ ސިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ހާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ހާއްސަ ކޮޓަރިއެއް ހިމެނޭނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.