މި މަހުން ފެށިގެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާއިން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާއި މިކަމާ ގުޅޭގޮތުން މުއާމަލާތް ކުރާނެ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޕޭ ކޮމިޝަނުން ހައްލުތަކެއް ގެނެސްދޭނެ ކަމަށާއި މިއަހަރު މުސާރަ ބޮޑުނުވާ ފަރާތްތަކަށް އަންނަ އަހަރު މުސާރަ ބޮޑުވެެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއެކު ހުރިހާ މުވައްޒަފުންގެ ވެސް އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެގޮތުން އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެ ކަމަށެވެ.
"އެހެންކަމުން ހުރިހާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ މިންވަރު އަސާސީ މުސާރައިގެ ގޮތުގައި މީގެފަހުން ލިބިގެންދާނެ. އަދި އަސާސީ މުސާރައަށް މި ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފަންޑަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް މިކަންވާނެ،" ރައީސް ވިދާޅުވި އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް
އެޑިއުކޭޝަނަލް ސާވިސް
ހެލްތު ސާވިސް
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް
ލީގަލް ކަލްޗާ އެންޑް ސޯޝަލް ސާވިސް
ޕްރޮޓެކްޓިވް ސާވިސް
ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް
ސެކްރެޓޭރިއަލް ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް