ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޣީ ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން އަލަށް އިތުރުކުރި 2000 މީޓަރު ރަންވޭ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ހަވާލު ކުރިފަހުން ގަމަށް ޖައްސާ ފުރަތަމަ ޑައިރެކްޓް ފްލައިޓް މިއަދު މެންދުރު 3:00ގައި ގަމަށް ޖައްސައިފިއެވެ.
ޑެންމާކްގެ ޕްރިމޯ ޓްއާޒް އާއި ރާއްޖޭގެ ސްޕްލެންޑިޑް އޭޝިއާ އަދި ކެނަރީފް ރިސޯޓް ގުޅިގެން ބާއްވާ މި ފްލައިޓުން މިއަދު 159 ފަތުރުވެރިން ވަނީ އައްޑޫއަށް އައިސްފައެވެ.
އެގޮތުން ފްލައިޓުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ކެނަރީޕް ރިސޯޓާއި ގަން އެއާޕޯޓުން ވަނީ ތައްޔާރުވެފައެވެ.
ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަން އާއި ބިލުންޑް ސިޓީން އަންނަ މި ފަތުރުވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކެނެރީފް ރިސޯޓްގައެވެ. ކެނަރީފުން ބުނީ މީގެ އިތުރު ޝެޑިއުލް ފްލައިޓް ގަނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ސްޕްލެންޑިޑް އޭޝިއާއި ހެތެރެތެރެ ރިސޯތް ގުޅިގެން މިދިޔަ އަހަރުވެސް ޑެންމާކުން ގަމަށް ޑައިރެކްޓް ފްލައިޓް ބާއްވާފައިވެއެވެ.
މިމަހުގެ 16 ވަނަ ދުވަހު ގަން އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވެފައިވަނީ ރަންވޭގެ އާ ރަންވޭގެ ބޮޑު ބައެއް ހުޅުވިގެން ދިއުމާ އެކު ގަން އެއާޕޯޓްވެގެން ދާނީ އީ ގްރޭޑްގެ މަތިންދާ ބޯޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ކަމަށެވެ.
އެގޮތުން ބޮއިން 777 އާއި އޭ އެެއާބަސް 330 އަދި 340 ކެޓަރީގެ ބޯޓްތަކަށް ގަން އެއާޕޯޓް ކޭޓަ ކުރެވޭނެ ކަމަށް އިބްތިސާމާ ވަނީ ވިދާޅުވި އެވެ.
ކެނެރީފުން ބުނީ ޑެންމާކްގެ ދަތުރުތަކާއި އެކު އެރިސޯޓްގެ އޮކިއުޕެންސީ މަތިވެގެންދާނެ ކަމަށެވެ.