ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 1-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލިވަޕޫލުން ނުރައްކާތެރި ހަމަލާތަކެއް ރެއާލްގެ ގޯލަށް ފޮނުވާލާފައިވެ އެވެ. އެގޮތުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއި ފޮނުވާލި ހަމަލާތައް ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެކްސިސް މެކަލިސްޓާ އެވެ. މިއީ ސޮބޮސްލާއި ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ކުޅެން އެރިއިރު، މި މެޗުގައި ރެއާލަށް އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބަޔާނުން ވަނީ 2-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. އަދި އާސެނަލުން 3-0 އިން ސްލާވިއާ ޕްރާހާ ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ 4-0 އިން ކޮޕަންހޭގަންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި ޔުވެންޓަސް އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.