Last Updated: June 8, 07:06
Monday, June 8, 2026
ދުނިޔެ

ނިއު ޔޯކްގެ މޭޔަރަކަށް އަލަށް މުސްލިމެއް

އެމެރިކާގެ އެންމެ މަޝްހޫރު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރުގެ މަގާމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިހާބުކޮށްފި އެވެ.

އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ޒޮހްރާން މަމްދާނީ، 34، އެވެ.

ނިއު ޔޯކްގެ މޭޔަރު ކަމަށް އެ ސިޓީގެ ރައްޔިތުން އޭނަ އިންތިހާބުކުރީ މަމްދާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ކެމްޕޭން ވެސް ކުރައްވާފައި ވަނިކޮށެވެ. އަދި މަމްދާނީ މަގާމަށް އިންތިހާބުކޮށްފި ނަމަ ނިއު ޔޯކްގެ ފެޑެރަލް ސަރުކާރަށްދޭ ފަންޑް ވެސް ކަނޑާލައްވާނެކަމުގެ އިންޒާރު އޭނަ ދެއްވާފައިވެ އެވެ.

ނިއު ޔޯކްގެ މޭޔަރު ކަމަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ މަމްދާނީގެ އިތުރުން ކުރިިން ނިއު ޔޯކްގެ ގަވަރުނަރުކަން ކުރެއްވި އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އެންޑްރޫ ކުއޯމޯ، 67، ގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ، 71، އެވެ.

މަމްދާނީ އިންތިހާބު ކާމިބާކުރެއްވީ ވޯޓްލި މީހުންގެ 50.4 ޕަސެންޓް ވޯޓާ އެކީގަ އެވެ. ކުއޯމޯ އަށް 41.6 ޕަސެންޓް މީހުން ވޯޓް ދިން އިރު، ކާޓިސް އަށް ވޯޓް ދިނީ އެންމެ 7.1 ޕަސެންޓް މީހުންނެވެ.

ނިއު ޔޯކްގެ މޭޔަރުގެ މަގާމާ އެކު މަމްދާނީގެ ނަން ތާރީހުގެ ތެރެއަަށް ވަދެގެން ގޮސްފައިވާ އިރު އޭނަ އުފަންވީ ޔުގަންޑާއަށެވެ. މަމްދާނީ އަކީ މަޝްހޫރު ފލްމު ޑައިރެކްޓަރު މީރާ ނައިރްގެ ދަރިއެކެވެ. އޭނަ އަކީީ "މޮންސޫން ވެޑިން" އާއި "ކަމަސުތުރާ: އަ ޓޭލް އޮފް ލަވް" އަދި "ދަ ނޭމްސޭކް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ނިއު ޔޯކްގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވީ އެރިކް އެޑަމްސް، 65، އެވެ. އޭނަ އެ މަގާމަށް ވަޑައިގެންނެވީ 2022 ގަ އެވެ. އެރިކް އަކީ ނިއު ޔޯކްގެ 110 ވަނަ މޭޔަރެވެ.

މަމްދާނީ ރަސްމީކޮށް މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 1، 2026ގަ އެވެ.