ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ހުޅުމީދު އަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނަށް ހުޅުދު އާއި މީދޫން މަރުހަބާ ކިޔުން ކުރިއަށް ދަނީ ދެ ރަށުގެ މެދަށްވާ ގޮތަށް އަންނަ ބަނދަރު ސަރަހައްދުގަ އެވެ. އެގޮތުން ހުޅުދު އާއި މީދޫގެ ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވެ އެވެ.
ހުޅުދު އާއި މީދު އަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައި އެ ރަށުގެ ތަރައްގީއާ ގުޅުން ހުރި ބައެއް ކަންކަން ފައްޓައު ދެއްވާނެ އެވެ.
ރައީސް މިއަދު އައްޑު އަށް ވަޑައިގެންނެވި އިރު، ހުޅުދު އާއި މީދު އަކީ އަައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމި ދެ ރަށެވެ. އެގޮތުން ދެ ރަށުގައި ވަކިވަކި ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މިދިޔަ މަހުގެ 25 ގައި ނެގި ވޯޓުން މީދު އާއި ހުޅުދޫން އެކަމަށް ތާއީދުކޮށްފައިވެ އެވެ.
އެހެންވެ ރައީސް މިހާރު އޮތީ ހުޅުދު އާއި މީދު އަކީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
އެއްފަސްކޮށް އޮންނަ ހުޅުދު އާއި މީދު އަކީ އައްޑޫގެ މީހުން ދިރިއުޅޭ އަނެއް ހަ އަވަށާ ވަކިން އޮންނަ ދެ ރަށެވެ. އައްޑޫގެ އާބާދީގެ ބޮޑު ދިިރިއުޅެމުން އަންނަނީ އެއްފަސްކޮށް ގުޅިފައި އޮންނަ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގަ އެވެ.
ރައީސްގެ މި ދަތުރުގެ ތެރެއިން އެ ހުރިހާ އަވަށަކަށް ވަކިވަކިން ވަޑައިގަންނަވާނެ އެވެ. އަދި އަންނަ މަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ތައްޔާރީތައް ބައްލަވާވައްވަން މިއަދު އެ ރިސޯޓަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މި އަހަރުގެ ކުރީކޮޅު ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.