މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް އާކުރުމުގެ ހިދުމަތް 'ކެޔޮޅު' ވެބް ޕޯޓަލް މެދުވެރިކޮށް ދޭން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބަދަލާ އެކު މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ، ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް އާކުރުމަށް ހުށަހަޅާ ފޯމު، މި މަހުގެ 23 އިންފެށިގެން ބަލައިގަންނާނީވެސް ހަމަ މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
'ކެޔޮޅު' (keyolhu.mv) ޕޯޓަލަށް ލޮގިން ވެވޭނީ އީފާސް މެދުވެރިކޮށެވެ.
'ކެޔޮޅު' ޕޯޓަލަކީ މިހާރުވެސް މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުމަށް، އަދި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިނިސްޓްރީން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ.
މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތި 3339270 ނުވަތަ 3339272 އިން ހޯދޭނެ އެވެ.