އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2" އިން ވަރޫން ދަވަން ފެންނާނެ ގޮތުގެ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ 1997 ގެ ކާމިޔާބު ހަނގުރާމަ ފިލްމު "ބޯޑާ 2" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. އަންނަ އަހަރުގެ ޖެނުއަރީ 23 ގައި ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތް މި ފިލްމަކީ "ބޯޑާ" ގެ ޑައިރެކްޓަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ބޯޑާ 2" އަކީ ކުރިން ވެސް ކާމިޔާބު ހަނގުރާމަ ފިލްމެއް ގެނެސްދިން އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެއީ 2019 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަކްޝޭ ކުމާރާ އެކު ގެނެސްދިން "ކޭސަރީ" އެވެ.
"ބޯޑާ 2" އަކީ އެ ފިލްމަށް ފަހު އަނޫރާގް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
މީގެ ކާސްޓްގައި "ބޯޑާ" ގެ ވެސް މުހިއްމު ރޯލެއް ކުޅުނު ސަނީ ޑިއޯލް އާއި އޭގެ ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ. "ބޯޑާ 2" ގެ ބަތަލާއިންގެ ތެރޭގައި ހިމެނެނީ ސޯނަމް ބަޖްވާ އާއި މޯނާ ސިންގް އަދި އާ ބަތަލާ މޭދާ ރާނާ އެވެ.
"ބޯޑާ 2" ގެ އިތުރުން ވަރޫންގެ އެހެން ފިލްމެއް ވެސް އަންނަ އަހަރު ރިލީޒްކުރާނެ އެވެ. އެއީ އޭނަގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، ޖޫން 5 ގައި ގެނެސްދޭން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އެވެ.