އައްޑޫ ހުޅުދު އާއި މީދޫގައި މިހާރު ޒަމާނީ ފެންވަރަށް ނަހަދައި ހުރި މަގުތައް ހެދުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.
އެ މަޝްރޫއު ފެށީ އެ ދެ ރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މީދު އާއި ހުޅުދޫގެ މަގުތައް ހަދަން ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
މި މޝްރޫއު މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
ހުޅުދު އާއި މީދޫގެ މަގުތަކެއް ހެދުމުގެ މަސައްކަތް އާރްޑީސީން ފެށި އިރު، މިދިޔަ ސަރުކާރުގައި އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން ހުޅުދު އާއި މީދޫގެ ބޮޑެތި މަގުތަކެއް ތާރު އަޅައިގެން ހަދާފައިވެ އެވެ.