އައްޑޫ ހުޅުދު އާއި މީދޫގައި ވަކި ކައުންސިލްތަކެއް ހަދައިގެން މި ސަރުކާރާ އެކު މަސައްކަތް ކުރަން ފެށުމުން އެ ދެ ރަށް ވާނީ ދުބާއީ އާއި އަބޫދާބީ ފަދަ ތަރައްގީވެފައިވާ ތަންތަނަށް ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އޭނަ ވިދާޅުވި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ހުޅުދު އާއި މީދޫގައި ވަކި ކައުންސިލްތަކެއް ހެދުމަކީ ދެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން އުޅުނު ކަމެއް ކަމަށެވެ.
ނަމަވެސް އެކަން ވާނެ ގޮތް އެއްވެސް ސަރުކާރަކަށް ކޮށް ދޭން ނުކުރެވި އޮއްވައި ރައީސް މުއިއްޒު އެކަން ކޮށް ދެއްވުމަކީ އެ މަނިކުފާނުގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.
"އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރު، ﷲ އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެ ރަށް ވެގެން ދާނީ ދުބާއީ އާއި އަބޫދާބީއަށޭ،" އޭނަ ވިދާޅުވި އެވެ. "މިއީ ސަމާސާ ވާހަކައެއް ނޫން."
ޝާޑު ވިދާޅުވީ މި ބަދަލާ އެކު މީދު އާއި ހުޅުދޫ ދާނީ ވަރަށް ބާރަށް ކުރިއަށް ކަމަށެވެ. އެގޮތުން ރައީސް މިހާތަނަށް އެ ދެ ރަށަށްވެފައިވާ ވައުދުތަކާއި އަދި ކުރިއަށް ކޮށް ދޭން ހުރި ކަންކަމާ އެކު މީދު އާއި ހުޅުދޫ އަކީ ތަރައްގީ ގޮތުން ވަރަށް ކުރިއަރާފައިވާ ދެ ރަށަށް ކަމަށް ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީ ދެ ރަށުގެ ރައްޔިތުންނަކީ ވެސް ޒަމާނުއްސުރެ ވަރަށް އެކުވެރި ބައެއް އުޅޭ ދެ ރަށް ކަމަށާއި އެ ދެ ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ރައީސް މުއިއްޒުގެ ސަރުކާރުން ކޮށް ދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ވެސް ނެތް ކަމަށެވެ.

އޭނަ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން އައްޑޫ ބޭނުންކޮށްފައިވާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އެކަމަކު މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ އިހުލާސްތެރި ސަރުކާރެއް ކަމަށެވެ.
"ސިޔާސީ ބޭފުޅުން އަޅުގަނޑުމެން އައްޑު އަތޮޅުގެ މީހުން ބޭނުންކުރީ އެ މީހުންގެ ހަތިޔާރަކަށް. މުޅި އައްޑު އަތޮޅު ހަލާކުކޮށް ސުންނާފަތި ކުރީ." ޝާޑު ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ޒައާމަތުގައި ހުޅުދު އާއި މީދު އަށް އޮތީ ވަރަށް ވެސް ފޮނި ކުރިމަގެއް ކަމަށް ޝާޑު ވިދާޅުވި އެވެ.