އައްޑޫ ހުޅުދު އާއި މީދޫގެ ރަށު ކައުންސިލްތަކާ އެކު އެ ދެ ރަށުގެ ތަރައްގީ ފެށުނީ ކަމަށާއި އެގޮތަށް ރައްޔިތުން ނިންމި ނިންމުމަކީ ކުރިއެރުމުގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުދު އާއި މީދު އަށް ވަޑައިގެން ދެ ރަށުގެ ރައްތިޔުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ވަކި ރަށު ކައުންސިލްކެއް ހަދަން ރައްޔިތުން ބޭނުންވި ގޮތަށް އެކަން ނިމިގެން ގޮސްފައިވާތީ މަރުހަބާ ވެސް ވިދާޅުވާ ކަމަށެވެ.
މިއާ އެކު ރައީސް ވިދާޅުވީ ހުޅުދު އާއި މީދޫ ވެސް ބޭނުންވާ ތަރައްގީ އާއި ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އެކަމަކުގައި ސަރުކާރުގެ ފަރާތުން ކޮށް ދޭން ޖެހޭ ކޮންމެ ކަމެއް ކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިން ވެސް ވެވަޑައިފައިވާ ވައުދާ އެއްގޮތަށް ހުޅުދު އާއި މީދު އަށް ބޭނުންވާ ކަންކަން އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވަން އިސްކަން ދެއްވާނެ ކަމަށެވެ. އެގޮތުން ބްރިޖް ހަގީގަތަކަށް ހަދައި ދިނުމާއި ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެތަނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދިނުމާއި ނުހެދި ހުރި މަގުތައް ހެދުމާއި އުމްރާނީ ގޮތުން ވެސް އެ ނޫން ތަރައްގީތައް ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ ދާއިރާގައި، ސިއްޙީ ދާއިރާކަމުގައި ވިޔަސް، ތަޢުލީމީ ދާއިރާ ކަމުގައި ވިޔަސް، ވަޒީފާގެ ގޮތުން ވިޔަސް، އުމްރާނީ ތަރައްގީގެ ގޮތުން ކަމުގައި ވިޔަސް، ސަރުކާރުގެ ބަޖެޓުތެރެއިން ވިޔަސް، އަދި އެހެނިހެން ގޮތްގޮތުން ޕްރައިވެޓް ސެކްޓަ އިން އަޅުގަނޑުމެން ފަހިކޮށްދޭ ކަންކަންމުގައި ވިޔަސް އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އައްޑު އަތޮޅު ހަމަހަމަކޮށް ތަރައްގީވެ އައްޑު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ތަރައްގީ ހާސިލްވަންދެން މި ސަރުކާރުން ތިބޭފުޅުންނަށް ކަންކަން ކޮށްދޭނެ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ހުޅުދު އާއި މީދޫގެ ކަންކަން ދެން ކުރިއަށް ދާނީ ސީދާ ދެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންވެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހިކޮށް ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުޅުދު އާއި މީދޫގެ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަންކަން ކުރަން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ދެ ރަށަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި މިކަމަށް އިދާރީ ގޮތުން ސަރުކާރުންކޮށް ދޭން ހުރި ކަންކަން ފުރިހަމަކޮށް ދޭނެ ކަމަށާއި މި ބަދަލާ އެކު ދެ ރަށުގެ އިހުތިސާސް ވެސް ކަނޑައެޅިފައި އޮންނާނީ ކާބަފައިންގެ ޒަމާނުގައި ހުޅުދު އާއި މީދޫން ނިންމާފައިވާ ގޮތަށް ވިދާޅުވި އެވެ.