އަމާޒަކީ އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ބްރިޖަކީ އެމަނިކުފާނުވެފައިވާ ވައުދެއް ކަމަށާއި މިހާރު ވަނީ އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ޑިޒަިއން ހެދުމަށް ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށްފައި ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ކުރެހުންތަކާއި ފަންނީ މައުލޫމާތުތަކާއެކު ތިން އޮޕްޝަނަކަށް ޑިޒައިން ހުށަހެޅުމަށް އެއް ބިލިއަން ރުފިޔާގެ އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ޑިޒައިންގެ މަސައްކަތް ފަށައިފި މިދިޔަ މަހުން ފަށައިގެން. އެހެންވީމަ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކުންފުނިން ހުށަހަޅާނެ ސަރުކާރަށް ޑިޒައިން ހުށަހެޅީމަށް ސަރުކާރުން ޑިޒައިނެއް ފައިނަލްކޮށް މަސައްކަތް ފަށާނެ. އަންނަ އަހަރުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ފެށުމަކީ އަމާޒެއް." ރައީސް ވިދާޅުވި އެވެ.
އައްޑޫ ހުޅުމީދު އާއި ހިތަދުއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ހަވާލުކުރި ޗައިނާގެ ކުންފުނި ޓީވައި ލިން އިން ދާދިފަހުން ވަނީ އައްޑޫ ކައުންސިލާ ބައްދަލުކޮށްފަ އެވެ.
ޓީވައިލިންއާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތްތައް ހަވާލުކުރީ ހަ މަހުން ނިންމާ ގޮތަށް 1.0 މިލިއަން ޑޮލަރަށެވެ.
އައްޑޫގައި އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދު އާއި ހިތަދޫއާ އަޅަން މި ސަރުކާރުން ވައުދުވެފައިވާ ބްރިޖްގެ ކޮންސަލްޓަންސީ ކުރިން ހަވާލުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަަ އެވެ.
ނަމަވެސް އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރަން ޖެހުނީ ސާވޭ ނިންމައި، ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް ގޮސް މަސައްކަތް ފެ ށޭވަރަށް މާލީ ކަންކަން ހަމަނުޖެއްސުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.