Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

އައްޑޫގެ ހަގީގީ ބޭނުމަކީ ކޮބާ؟

ޙަފްލާތަކުގެ ސިޔާސަތެއް ނޫނެވެ. އެކަމަކު ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމެވެ.

ދިވެހި ރާއްޖޭގައި އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ސަރަޙައްދު ކަމުގައިވާ އައްޑޫ ސިޓީ މިހާރު ވަނީ ނާޒުކު ހަތަރު އަނގޮޅިއެއްގައެވެ. ޤައުމީ ލީޑަރުން އެތަނަށް ގިނަގިނައިން ޒިޔާރަތްކުރަމުން ދިޔަ ނަމަވެސް، އެ ސިޓީ ދަނީ އެއް އަސާސީ ގޮންޖެހުމަކާ ކުރިމަތިލަމުންނެވެ. އެއީ އެތަނުގެ ރައްޔިތުންނަށް މާނަހުރި ވަޒީފާތައް ފޯރުކޮށް ދެވޭނެ ދެމެހެއްޓެނިވި އިޤްތިޞާދެއް ނެތުމެވެ.

ކޮންމެ އަހަރަކު، ސަތޭކަ ވަރަކަށް އައްޑޫ މީހުން އެ މީހުންގެ ޢާއިލާތައް ފަހަތަށް ދޫކޮށް، މުޅި ރާއްޖޭގެ ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތްކުރުމަށް ފުރައިގެން ދެ އެވެ. މި އެތެރޭގެ ހިޖުރަކުރުމުގެ ސަބަބުން ޢާއިލީ ގުޅުންތައް ބަލިކަށިވެ، ސިޓީގެ ޒުވާން މަސައްކަތްތެރިން ވަނީ މަދުވެގެން ގޮސްފަ އެވެ. އެހެންކަމުން މިކަމުގެ ޙައްލަތު ވަރަށްސާފެވެ. އައްޑޫއަށް ބޭނުންވަނީ ވަރުގަދަ ރަށްވެހި ޞިނާޢަތްތަކާއި އަމިއްލަ އަށް ފުދުންތެރިކަން ހޯދޭނެ އިޤްތިޞާދެއް ބިނާކުރުމެވެ. އެއީ އެތަނުގެ ރައްޔިތުންނަށް އެމީހުންގެ ގޭގައި ދިރިއުޅެ، މަސައްކަތްކުރެވޭނެ ގޮތަކަށެވެ.

ނަމަވެސް، އިޤްތިޞާދީ ބަދަލުތަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ޤައުމުގެ މިއަދުގެ ލީޑަޝިޕް ބޮޑަށް ޝައުޤުވެރި ވަނީ ރަމްޒީ ޙަރަކާތްތަކަށެވެ. އޭޓީއެމްތައް ހުޅުވުމާއި، ކުރިން ފެށިފައިވާ މަޝްރޫޢުތަކުގެ ބިންގާ އަލުން އެޅުމާއި، އާންމު ރައްޔިތުންގެ އިޤްތިޞާދީ ޙަޤީޤަތް ރަނގަޅުކުރުމަށް މާބޮޑު އެހީއެއް ނުވާ ޙަފްލާތައް ބޭއްވުމަށެވެ. ޙަޤީޤަތަކީ، އެކައުންޓުގައި ނަގާނެ ފައިސާއެއް ނެތް ތަނެއްގައި އޭޓީއެމް ހުޅުވުމުގެ ބޭނުމެއް ނެތްކަމެވެ. މިފަދަ ދެއްކުންތަކުގެ ކުރިން އިޤްތިޞާދީ ބާރުވެރިކަން އޮންނަން ޖެހޭނީ ލިބިފަ އެވެ.

އައްޑު އަށް ޙަޤީޤަތުގައި ބޭނުން ވަނީ ވިޔަފާރި ތަރައްޤީ ކުރުމަށާއި، އިންވެސްޓްމަންޓް ފަސޭހަކުރުމަށާއި، ވަޒީފާ އުފެއްދުމަށް އިސްކަންދޭ ސްޓްރެޓެޖިކް އިޤްތިޞާދީ ވިޝަނެކެވެ. އެ ސިޓީގެ ޤާބިލިއްޔަތުކަން ވަރަށް ބޮޑެވެ. އެހީތެރިކަމުގެ ރަނގަޅު ނިޒާމްތައް ޤާއިމުކުރެވިއްޖެނަމަ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސްއާއި، ކުދި ސިނާޢީ މަސައްކަތްތައް އެތާނގައި ކުރިއެރުވިދާނެ އެވެ. ފަހަކަށް އައިސް ފެށިފައިވާ ގެސްޓްހައުސް ފަތުރުވެރިކަމުގެ މަޝްރޫޢުތަކަކީ ރަނގަޅު ދިމާއަކަށް އެޅުނު ފިޔަވަޅެކެވެ.

ނަމަވެސް މިފަދަ މަޝްރޫޢުތައް ކާމިޔާބުވުމަށް ސީރިއަސް މާލީ އެހީތެރިކަން ބޭނުންވެ އެވެ.

ސަރުކާރަށް ތަފާތެއް ގެނެވިދާނެ އެއް ކަމަކީ ރަށްވެހި ވިޔަފާރިވެރިންނާއި ގެސްޓްހައުސް ތަރައްޤީކުރާ ފަރާތްތަކަށް ލޯނު ދިނުމަށް ސޮވްރިން ގެރެންޓީތައް ފޯރުކޮށް ދިނުމެވެ. މިހާރު ފެށިފައިވާ ފަތުރުވެރިކަމާއި ޚިދުމަތް ދިނުމުގެ ގިނަ މަޝްރޫޢުތައް މަަޑުޖެހިފައި ވަނީ ހަމައެކަނި ބޭންކުތަކުން މިފަދަ ޔަޤީންކަމެއް ނެތި ލޯނު ދޫކުރުމަށް ފަސްޖެހޭތީ އެވެ. ސަރުކާރުގެ ބޭންކިން ގެރެންޓީ އޮންނަ ނިޒާމަކުން ފައިނޭންސް ލިބުން ފަހިވެގެން ދިއުމުގެ އިތުރުން، ދައުލަތުން އައްޑޫގެ އިޤްތިޞާދީ މުސްތަޤްބަލަށް ޙަޤީޤަތުގައި ވެސް އިތުބާރު ކުރާކަން ދައްކައި ދޭނެ އެވެ.

އެހެން ނަމަވެސް، މަގުތަކާއި ތަރައްޤީ ކުރުމުގެ އެހެނިހެން މަޝްރޫޢުތަކުގެ ބިންގާ އެޅުން ނުވަތަ ކުރިއަށްދާ މަސައްކަތްތަކުގެ ރިބަން ކެނޑުން މީޑިއާގައި ދައްކުވައިދިނުން ޖަޒުބާތީގޮތުން ފުރިހަމަ ކަމުގައިވިޔަސް، މިފަދަ ޙަރަކާތްތަކުން އިޤްތިޞާދީ މަޝްހަދަށް ފާހަގަކުރެވޭ ބަދަލެއް ނުގެނެވެއެވެ. ޢުމްރާނީ ވަސީލަތްތަކުގެ މުހިންމުކަން އޮތްނަމަވެސް، ހަމައެކަނި މިފަދަ ވަސީލަތްތަކުން ދެމެހެއްޓެނިވި އިޤްތިޞާދީ ފުދުންތެރިކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. މަގުތަކުގެ ޙަޤީޤީ ބޭނުމަކަށް ވާންޖެހޭނީ އިޤްތިޞާދީ

ފުރުޞަތުތަކާ ދިމާއަށް ދަތުރު ކުރެވޭނެ ވަސީލަތަކަށްވުމެވެ. ހަމައެކަނި ރަސްމިއްޔާތުތަކަށް ނޫނެވެ.

އައްޑޫގެ ރައްޔިތުންނަކީ ތާރީޚީ ގޮތުން ކެރުންތެރިކަމާއި އުންމީދުގެ ރޫޙު އާލާކޮށްފައިވާ ބައެކެވެ. އެމީހުންގެ ޤާބިލުކަމާއި، ހިތްވަރާއި، ޢަޒުމުގެ ބާރުގައި އެމީހުންގެ ސިޓީ އަލުން ބިނާކުރުމުގެ ފުރިހަމަ ޤާބިލުކަން އެމީހުންނަށް ލިބިގެންވެ އެވެ. އެމީހުންނަށް މިވަގުތު ބޭނުން ވަނީ އިތުރު ވަޢުދުތަކެއް ނޫނެވެ. އެ މީހުންނަށް ބޭނުންވަނީ ހަރުދަނާ ސިޔާސަތުތަކުގެ އެހީތެރިކަމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ހަމަހަމަކަމާއެކު މާލީ ވަސީލަތްތަކަށް ވާޞިލުވެވޭނެ މަގެކެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޙަޤީޤަތުގައި ވެސް ދެމެހެއްޓެނިވި ބަދަލެއް ގެންނެވުމަށް ޤަޞްދުކުރައްވާ ނަމަ، ހަމައެކަނި ރަމްޒީ ޙަރަކާތްތަކަށް އިސްކަންދެ އްވުމުގެ ބަދަލުގައި، އައްޑޫ ސިޓީ އިޤްތިޞާދީ ގޮތުން ބާރުވެރިކުރެއްވުމަށް ޚާއްޞަ އަމާޒުފުޅު ހިއްޕެވުމަކީ ނުހަނު މުހިންމު ކަމެކެވެ.

މިފަދަ ޙަޤީޤީ އަދި ނަތީޖާ ފެންނަ ފިޔަވަޅުތަކެއް އެޅިއްޖެނަމަ އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް އެމީހުންގެ ސިޓީގެ މުސްތަޤްބަލާމެދު ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމުގެ އިޙްސާސް ކުރެވޭނެ އެވެ. އަދި މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށްޓަކައި ރަށުން ބޭރަށް ހިޖުރަކޮށްފައިވާ ފިރިހެނުންނާއި އަންހެން ދަރިން، އެނބުރި އެމީހުންގެ މާދަރީ ރަށަށް އައުމުގެ މަގު ފަހިވެ، އިޖްތިމާިމާޢީ އަދި އިޤްތިޞާދީ ގޮތުން ސިޓީ އިތުރަށް ކުރިއަރައިގެން ދާނެ އެވެ.

ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.