އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ރެޑިޓް ވެސް މަނާ ކުރަން ނިންމައިފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުދިންނަށް ލިބޭ ގެއްލުންތަކާއި ނުރައްކާތަކުން ކުދިން ސަލާމަތް ކުރަން އޮސްޓްރޭލިއާ އިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން އަންނަ މަހުގެ 10 އިން ފެށިގެން ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑް 16 އަހަރުން މަނާ ކުރަން އޮތީ ނިންމައިފަ އެވެ.
އެ ލިސްޓަށް މިހާރު ރެޑިޓްގެ އިތުރުން ލައިވް-ސްޓްރީމިން ޕްލެޓްފޯމް ކިކް ވެސް އިތުރުކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން ބުންޏެވެ.
ސަރުކާރުން ބުނީ މަނާކުރަން ނިންމި އެޕްތައް އަންނަ މަހުގެ 10 ގެ ފަހުން 16 އަހަރުން ދަށުގެ ކުދިންނަށް އެކްސެސްވެވިގެން ނުވާނެ ކަމަށެވެ. އެހެންވެ އެކަމާ ހިލާފުވާ އެޕެއް ހިންގާ ކުންފުންޏެއް 50 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (32.5 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.
އޮސްޓްރޭލިއާގައި 16 ދަށަށް ބޭނުން ކުރެވޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ޔޫޓިއުބް ކިޑްސް އާއި ވަޓްސްއެޕާއި ޑިސްކޯޑާއި ލެގޯ ޕްލޭ އާއި ރޮބްލޮކްސް އަދި ގޫގުލް ކްލާސްރޫމް ހިމެނެ އެވެ.