Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުން ލާޒިމު

ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ގަމުގައި ތަރައްގީކުރި އެއާ ސްޓޭޝަން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެއަކީ ތަރައްގީ ހާސިލުކުރެވޭ ގައުމަކަށް ވެގެންދިޔުމުގައި ވެސް ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ. ގައުމަށް ބޮޑެތި އިންވެސްޓްމެންޓުތައް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއް ކަމަށް އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި އެގޮތުން އެ މަގުން އެކަންކަން ކުރެވޭ ވަރު އިތުރުވާ ވަރަކަށް ރާއްޖޭގެ އިގްތިސާދު ވެސް ދާނީ ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިގްތިސާދަށް އިންވެސްޓު ކުރާނެ ފަރާތްތައް ވެސް ދާނީ އިތުރުވަމުން. ދުނިޔޭގައި ތަރައްގީވެފައިވާ އަރަބި އިސްލާމީ ގައުމުތަކުގައި ވެސް ތަރައްގީ ހާސިލުކުރެވިފައިވާ ގޮތަށް ބަލާއިރުގައި މިއީ އެގައުމުތަކުން ވެސް ކަންކަން ކުރަމުންދިޔަ ގޮތް، ކުރަމުންދާވެސް ގޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން ހުޅުވާލުމަށް ކުރެވޭ މަސައްކަތުގައި ގައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ގާއިމުވެފައި އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު އިފްތިތާހު ކުރެވުނު އެއާ ސްޓޭޝަނުގައި ތަމްރީނު މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި މިފަދަ ކަންކަން ކުރަނީ އެއީ ގައުމުގެ މުސްތަގުބަލަށްޓަކާ ގާއިމުކުރެވޭ ވަރަށް މުހިއްމު ކަންކަމަށް ވާތީ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މި ކަންކަން ކާމިޔާބުވެގެންދިޔުމަކީ ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަންކަމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން 2040 ވަނަ އަހަރާ ހަމައަށް ދާއިރުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ގައުމުގައި ހުރިހާ ދާއިރާއަކުން ވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.