މި އަހަރު ރިލީޒްކުރި "އާނކޯ ކީ ގުސްތާކިޔާ" އިން ބޮލީވުޑަށް ތައާރަފުވި ޝަނާޔާ ކަޕޫރްގެ އާ ފިލްމު "ތޫ ޔާ މޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ސަވައިވަލް ތުރިލާ އަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނަށް ބިޖޯއި ނަމްބިއާ ހަދާ ފިލްމެކެވެ. ޝަނާޔާއާ އެކު އަރަމުން އަންނަ ޒުވާން އެކްޓަރު އާދާޝް ގޯރަވް ބަތަލުގެ ރޯލުން ފެންނާނެ "ތޫ ޔާ މޭ" ރަސްމީކޮށް އިއުލާންކޮށް މީގެ ޓީޒާއެއް ދައްކައިލީ މި އަހަރުގެ މާޗް 11 ގަ އެވެ.
ފިލްމުގެ ޝޫޓިން ނިންމާލިކަން އިއުލާންކުރީ މިއަދެވެ.
ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ތޫ ޔާ މޭ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ. މި ފިލްމުގެ ޑައިރެކްޓަރު ނަމްބިއާ އަކީ 2011 ގެ "ޝައިތާން" އާއި 2013 ގެ "ޑޭވިޑް" އަދު 2016 ގެ "ވަޒީރު" ގެނެސްދިން ޑައިރެކްޓަރެވެ.
އުންމީދީ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޝަނާޔާ، 25، އަކީ އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ ދަރިފުޅެވެ.