Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ސިފައިންގެ ފުރަތަމަ ވައިގެ މަރުކަޒު ގަމުގައި ހުޅުވައިފި

އެމްއެންޑީއެފްގެ ފުރަތަމަ ވައިގެ މަރުކަޒު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފި އެވެ.

ގަން އެއާ ސްޓޭޝަންގެ ނަމުން ނަން ދެވިފައިވާ މި ވައިގެ މަރުކަޒު އިފްތިތާޙުކޮށްދެއްވީ އައްޑޫއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ވައިގެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

ވައިގެ މަރުކަޒެއް ގާއިމުކޮށްފައިވަނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަޙައްދާއި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށް ނިންމާފަ އެވެ.