Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު އަލުން ތަރައްގީ ކުރަން ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ މިއަހަރުގެ އެޕްރީލް 8 ގަ އެވެ. ނަމަވެސް މިހާތަނަށް އޮތީ އެ މަސައްކަތް ނުފަށަ އެވެ.

ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

އެ މަޝްރޫއު ނިންމަން އަމާޒު ހިފާފައި އޮތީ 2028 ގެ ކުރިންނެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ މަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަގުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ.