Last Updated: July 5, 04:20
Saturday, July 4, 2026
ޚަބަރު

އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ހިތަދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ 40 ހެކްޓަރުގެ ބޮޑު ބިން ސަރުކާރުން އަތުލަން ނިންމި ކަމަށް ބުނާ ހަބަރަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިތަދޫ ސަރަހައްދުން ކަނޑައެޅި ހާއްސަ ޒޯނު ރައީސް މުއިއްޒުގެ ސަރުކާރުން އަތުލީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އައްޑޫއިން ކުރަމުންދާ މަސައްކަތްތައް އެއްކޮށް ހުއްޓުވާލުމަށް ކަމަށެވެ.

ހަންކެޑެ މަޝްރޫއު ގެއްލުވާލުމަށް ފަހު އެންމެފަހުން ޓޫރިޒަމް ބިންތައް ވެސް އަތުލަމުން ދަނީ ޓޫރިޒަމްގެ ސީދާ މަންފާ އައްޑޫގެ ރައްޔިތުންނަށް ލިބިދާނެތީ އެެ ކަމަށް ހުރަސް އެޅުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ. ޕީއެންސީގެ ސިޔާސަތަކީ އައްޑޫ އެކަހެރިކޮށް ބާކީކޮށްލުން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ އެމްޑީޕީގެ ސަރުކާރެއްގައި މި ސަރުކާރުން އަތުލާ އައްޑޫގެ ޓޫރިޒަމް ބިންތައް ސިޓީ ކައުންސިލާ އަލުން ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.