އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ހިންގަން ހަމަޖެހިފައިވާ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.
އައްސޭރި ޓޫރިޒަމް މަޝްރޫއަކީ ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގަތް ރިޔާސީ ވައުފުޅެކެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން 6،000 އެނދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިރޭ ހަވާލުކުރެވުނީ 600 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް އެމްޓީޑީސީން ވަރަށް އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމަށާއި މި މަޝްރޫއުއަށް އެ ކުންފުނިން ތައްޔާރުވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިތަނަށް އައިސް ސާވޭ ކުރެވި، ފީޒިބިލިޓީ ހަދައި ހުރިހާ ކަމެއް. އެހެންވެ ހަވާލު މިކުރީ،" ރައީސް ވިދާޅުވި އެވެ.
އަންނަ މަހުގެ 31 ގައި ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ހުރިހާ ކަމަކުން ވެސް ވަޒީފާގެ ފުރުސަތުތައް އަންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.