Last Updated: July 5, 04:20
Saturday, July 4, 2026
ޚަބަރު

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ބިޔަ މަޝްރޫއެއް

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ބިޔަ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައަކީ ކުދިކުދި ކަންކަން ކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިއަދާ ހަމައަށް 8 ޖެންސެޓު ގެނެވުނު ނަމަވެސް ކަރަންޓުގެ މައްސަލައަށް ހިތްހަމަޖެހޭ ވަރުގެ ހައްލެއް އައިސްފައި ނުވާ ކަމަށެވެ.

އައްޑޫ ކުރިއެރުވުމަށް ކުރިން ހުރި ކަންކަމަށް ވިސްނާއިރު ވެސް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނަންޖެހޭ ކަމަށާއި އެގޮތުން 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރަން ނިންމައި އެކަމާ ގުޅޭ ބިޔަ ބޮޑު މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމާ ގުޅޭ އިދާރީ، ފަންނީ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި 30 މެގަވޮޓަށް ވާ ވަރުގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.

މިކަން ހައްލުކުރުމުގެ ގޮތުން ފެނަކައިން ދާދިފަހުން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސްފަ އެވެ.