އައްޑޫ ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ހުޅުވާލި ފުރުސަތުގައި ތުރުކީ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ހަންކެޑެ ކުރިން އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން އެ މަޝްރޫއު މި ސަރުކާރުން އެޕްރީލް 15، 2024 ގައި ރަސްމީކޮށް، އިފުތިތާހު ކުރުމަށް ފަހު، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އޮއްވައި ހަންކެޑެ ހަލާލު ޓޫރިޒަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ހާއްސަކުރި އެވެ.
ނަމަވެސް ސަރުކާރުން މިހާރު ވަނީ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފަ އެވެ. އަދި މިހާރު އައްޑޫގައި ހަލާލު ޓޫރިޒަމަށް ތަރައްގީ ކުރަން ހާއްސަކުރި ރަށަކީ ހިއްކައިގެން ހަދާފައިވާ ދޮންހެރަ އެވެ.
އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން ޕްރޮޕޯޒަލް ލައިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު މިނިސްޓްރީގެ ފަރާތުން ތުރުކީ ކުންފުންޏަކަށް އެވޯޑު ލެޓާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން އެ ކުންފުންޏަށް ފުރުސަތުދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
""ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގައި ވެސް އެ ޕޭމެންޓް ހަދަން. ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. އަދި ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.