Last Updated: July 5, 04:14
Saturday, July 4, 2026
ޚަބަރު

އައްޑޫގައި ވަގުފް އިމާރާތެއް ބިނާކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އެސްއޭއެސް އީ ކޮންސްޓްރަކްޝަންއަށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އަތޮޅުތެރޭގައި ޤާއިމްކުރެވޭ ފުރަތަމަ ވަޤުފް މަޝްރޫއުކަމުގައިވާ އައްޑޫ ވަޤްފު މަޝްރޫއުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން އިބްރާހިމް ފަސީހު އެވެ.

މިވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 20 މިލިޔަން ރުފިޔާ ކަމަށްވާއިރު މިއީ 540 ދުވަހުން ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢު ނިމުމާއެކު އައްޑޫގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.