އައްޑޫ ފޭދޫގައި ސަރުކާރުން އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
އެ މިސްކިތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން ފޭދޫގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފޭދޫ ހިއްކި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ދެ ޖިންސްގެ މީހުންނަށް ނަމާދުކުރެވޭ ބިނާކުރާ 500 މީހުންގެ ޖާގައިގެ މި މިސްކިތުގެ ކޮންޓްރެކްޓަރަކީ ފެނަކަ ކޯޕަރޭޝަނެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަދި އެ މިސްކިތް އިމާރާތްކުރާ ބިން އައްޑޫ ސިޓީ ކައުންސިލުން ފެނަކައާ ހަވާލުކުރީ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފޭދޫގެ އާ މިސްކިތަކީ ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެ މިސްކިތެއް ކަމަށާއި އެތަން ސޯލާކޮށް އޭސީ ވެސް ކުރާނެ ކަމަށެވެ.