Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަރަދޫގައި ޕޮލިސް ސްޓޭޝަނެއް ހަދަން ހަވާލުކޮށްފި

އައްޑޫ މަރަދޫގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން ރޭ ހިތަދު އާއި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލު ކުރަން ހިތަދޫގައިު ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގެ ތެރޭގަ އެވެ.

އެގޮތުން މަރަދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުރީ އެމްލޮގް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ. އެމްލޮގްޑުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ޙައިޝަމް ޢަލީ އެވެ.

މަރަދޫގައި ޕޮލިސް ސްޓޭޝަނެއް ހަދަން ނިންމި އިރު، މިހާރު އައްޑޫގައި ޕޮލިސް ސްޓޭޝަންތައް ހުންނަނީ ހިތަދު އާއި ގަމުގެ އިތުރުން ހުޅުމީދޫގަ އެވެ. ގަން ޕޮލިސް ސްޓޭޝަން ހާއްސަކޮށްފައި ވަނީ ފޭދު އާއި މަރަދޫފޭދުއަށެވެ.