އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޖޯން އަބްރަހަމްގެ "ފޯސް" ފްރެންޗައިޒްގެ ތިން ވަނަ ބަޔަށް ހާޝްވަރުދަން ރާނޭ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފިލްމުގެ ވަރަށް ވަރުގަދަ ރޯލެއް ހާޝް ކުޅޭނެ ކަމަށާއި އެ ފިލްމަކީ އޭނަ އަށް މިހާތަނަށް އެންމެ ބޮޑު ފީއެއް ވެސް ލިބުނު ފިލްމު ކަމަށެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި "ފޯސް 3" އަށް ހާޝް ސޮއިކުރީ 15 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އަށް ކަމަށެވެ.
މި ފިލްމަށް ހާޝް ސޮއިކުރި އިރު އޭނަ އަކީ ޖޯންގެ ވަރަށް ގާތް އެކުވެރިއެއް ވެސް މެ އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ލޯބީގެ ފިލްމު "ސަނަމް ތޭރީ ގަސަމް" ގެ ބަތަލުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބުނު ލޯބީގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީޔަތު" އެވެ.
ހާޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އޮމަންގް ކުމާރުގެ އެކްޝަން ތުރިލާ "ސިލާ" ހިމެނެ އެވެ.
"ފޯސް 3" ގެ ތައްޔާރީތައްވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރަކީ ބާވް ދޫލިއާ އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ މީނާކްޝީ ޗައުދަރީ އެވެ.
"ފޯސް" ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނީ 2020 ގައި މަރުވެފައިވާ ނިޝިކާންތު ކަމަތު ޑައިރެކްޓްކޮށެވެ. އޭގެ ބަތަލާ އަކީ ޖެނީލިއާ ޑި ސޫޒާ އެވެ. އަބިނޭ ޑިއޯ ޑައިރެކްޓްކޮށް، ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލު ކުޅުނު "ފޯސް 2" ރިލީޒްކުރީ 2016 ގަ އެވެ.