Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ހައުސިން ޔުނިޓްތަކެއް އަޅަން އެޗްޑީސީ އަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގެ ތިން އަވަށެއްގައި 200 ހައުސިން ޔުނިޠް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން ރޭ ގުޅިފައިވާ އަވަށްތަކުގެ ޕީއެންސީގެ ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގެ ތެރޭގަ އެވެ.

އެގޮތުން އެޗްޑީސީއާ ހަވާލުކުރީ ހިތަދޫފައި 100، މަރަދޫގައި 50 އަދި ފޭދޫގައި 50 ހައުސިން ޔުނިޓް އެޅުމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގެ ދެ ސަރަހައްދެއްގައި 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރުން ފޭދޫގައި ފެށީ 75 ހައުސިން ޔުނިޓް މަޝްރޫއު ދަނީ ކުރިއަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް ހަދާފައިވެ އެވެ.