Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްއެންޑީއެފް އެއާ ކޯގެ ދެވަނަ ސްޓޭޝަން ފުނަދޫގައި

އެމްއެންޑީއެފްގެ އެއާ ކޯގެ ދެވަނަ އެއާސްޓޭޝަން ށ. ފުނަދޫގައި ހަދަން ނިންމައިފި އެވެ.

އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ފުރަތަމަ އެއާ ކޯ ސްޓޭޝަން އެމްއެންޑީއެފް ސަަދަން އޭރިއާ ގާއިމުކޮށްފައިވާ އަައްޑޫ ގަމުގައި ހުޅުވަން އިއްުޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ.

"މި އަހަރު ނިމެންވާ އިރަށް އުތުރުގައި ށ. އަތޮޅު ފުނަދޫގައި ހަދަމުން މިދާ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އެ ދަނީ ބާރު ސްޕީޑުގަ ކުރިއަށް." ރައީސް ވިދާޅުވި އެވެ.

އިއްޔެ ގަމުގައި ހުޅުވި ވައިގެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެ އެވެ. އެއާ ކޯގެ ޓީބީ-2 އެއާކްރާފްޓްތައް އުދުހުމަށް ޚާއްޞަވެފައިވާ އެއާ ސްކޮޑްރަން-2 ގެ މި އެއާ ސްޓޭޝަން ފަރުމާކޮށްފައި ވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީކުރެވޭ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފްގެ އެއާ އަކީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަޙައްދާއި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޮޕަރޭޝަންތައް ހިންގުމަށް ހާއްސަ ބައެކެވެ.